މިއީ ބައި ތަކަކަށް ބަހައިލެވިފައިވާ އާރޓިކަލެކެވެ.
(29:45) “… ހަމަ ކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ…“
އިންސާނުން ނަމާދަށް ބޭނުންވަނީ ކީއްވެ؟
ދުވާލުގެ ގިނަ ވަގުތުތަކެއް ބުރަ މަސައްކަތުގައި ހޭދަކުރުމަށް ފަހު، ވަރުބަލިކަން އިހުސާސްކުރަން ޖެހިފައިވާ މީހަކަށް، މުސައްލަމަތީގައ ހުރެ އެންމެ މަތިވެރި ﷲ އަށް ކުރާ ނަމާދުގައި ދޭންޖެހޭ ފުރިހަމަ ޚުށުއްވަތްތެރިކަން ދިނުމަކީ އުނދަގޫ ކަމެކެވެ. އަރާމު ދާންތައް މަތީގައި ވާހިނދު، މުޢައްޒިނުގެ ގޮވާލުމަށް އިޖާބަ ދިނުމަކީ ދަތި ކަމެކެވެ. “ސަލާމަތް ކަމާއި ނަސީބު ލިބިގަތުމަށް އަވަހަށް އަންނާށެވެ!” މަޝްހޫރު ޑޮކްޓަރ އަދި ފިލޯސަފަރެށް ކަމުގައިވާ އިބްނި ސީނާ، އޭނާގެ ޙަޔާތުގައި ހިނގި މިފަދަ ހާދިސާއެއް ހަނދާނަށް ގެނައެވެ. ވަރަށް ފިނި ރެއެކެވެ. އޭނާ އާއި އޭނާގެ އަޅެށް، ޢަރާމް ކުރުމަށްޓަކައި ޚުރާސާނުގެ ތަހުޒީބުނުވާ ހިސާބެއްގައި ހުރި ގެސްޓް ހައުސްއެއްގައި މަޑުކޮއްލިއެވެ. ރޭގަނޑުގެ ވަގުތެއްގައި އޭނާ ކަރުހިއްކައިގަނެގެން ފެންފޮދެއް ދިނުމަށް އެދި އޭނާގެ އަޅު ކަލޭގެއަށް ގޮވާލިއެވެ. އޭނާގެ އަރާމު ތަންމަތިން ތެދުވުމަށް އަޅުމީހާގެ ހިތެއް ނޭދުނެވެ. އެހެން ކަމުން އިބްނި ސީނާގެ ގޮވާލުމަށް ބީރު ކަންފަތެއްދިނެވެ. ނަމަވެސް އެނާއަށް ތަކުރާރުކޮށް ގޮވާލެވުމުން ހިތާއިދެކޮޅަށް ތެދުވުމަށް ފަހު ފެންބަލާ ދިޔައެވެ. އިރުކޮޅަކުން ބަންގީގެ ރިވެތި އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އީމާންވީ މީސްތަކުން ނަމާދަށް އަވަސްވެގަތުމަށް އެދި ގޮވާލާ މީހާއާއި މެދު އިބްނި ސީނާ ފިކުރުކޮށްލިއެވެ. އޭނާ ހިނިތުންވުމަކާއި އެކު ހިތަށްއެރިއެވެ. އަހަރެންގެ އަޅު ޢަބްދުﷲ، އަހަންނަށް އަބަދުވެސް އިޙްތިރާމްކޮށް ޤަދަރު ކުރެއެވެ. ތަޢުރީފުގެ ބަސްތަކުން އަހަރެންގެ ހިތް ފުރާލުމަށާއި އަހަންނަށް ލޯބިދިނުމަށް އޭނާއަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައެވެ. ނަމަވެސް މިރޭ އޭނާ އެވަނީ އަހަރެންގެ ބޭނުންތަކުގެ މަށްޗަށް އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އަރާމު އިސްކޮށްފައެވެ. އެއާއި ޚިލާފަށް ﷲ ތަޢާލާގެ ފާރިސީ އަޅާ ދެކިބަލާށެވެ. އޭނާގެ އަރާމު ތަންމަތި ދޫކޮށްލުމަށް ފަހު ފިނި ރޭގަނޑުގެ ތެރެއަށް ނިކުތެވެ. އަދި ފެން ފިނި، އާރަކުން ވުޟޫ ކުރުމަށްފަހު މިސްކިތުގައިވާ އުސް މުންނާރަށް އަރައި، އޭނާ އަޅުވެތިވާން އެންމެ ހައްޤު ފަރާތް މަތިވެރިކުރެއެވެ. ޖސަހފކަސ
“ﷲ ފިޔަވައި ހައްޤު ވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.“
“ މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.“
އިބްނި ސީނާ ލިޔުއްވާފައިވެއެވެ. މިރޭ އަހަންނަށް ހަޤީޤީ ލޯބީގެ ޖާޒުބިއްޔަތު އިޙްސާސް ކުރެވެއްޖެއެވެ. އެ ލޯބީގެ ނަތީޖާއަކީ ފުރިހަމަ ކިޔަމަންތެރިކަމެވެ. ﷲ ތަޢާލާ ދެކެ ފުރިހަމައަށް ލޯބިވެވޭނީ އެކަލާނގެއަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.
ގަދަފަދަވަންތަ ﷲ ވަޙީކުރައްވަނީ: ” (އެމީހުން ގާތުގައި) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މާތް ކަލާނގެ ކިބަފުޅަށް އެދި ލޯބިވާ ނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢުވާށެވެ. (އެއިރުން) މާތް ﷲ ތިޔަބައިމީހުންނަށް ރުއްސުން ލައްވައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. މާތް ﷲ އެއީ ގިނަގިނައިން ފާފަފުއްސަވާ އެންމެ ރަޙްމަތްވަންތަ ކަލާނގެއެވެ.”
ނަމާދު: ފުރާނައިގެ އާދޭސް
އިންސާނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އަނިޔާވެރި، ޚުދުމުހުތާރު ވެރިއަކާއި އެއްފަދައިން އޭނާގެ އަމަލުތައް ބަހައްޓައެވެ. ބައެއް މީހުން، އެމީހުންގެ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވާލެއް ބޮޑުކަމުން، ކަލަކުކަމަށް ދަޢުވާކޮށްފައި ވެސް އެބަހުއްޓެވެ. މިޞްރުގައި ވެރިކަންކުރި ފިރުޢައުނަކީ މިގޮތަށް ކަންތައްކުރި އެކަކެވެ. އޭނާ އިޢުލާން ކުރިއެވެ
”އަހަންނަކީ ކަލޭމެންގެ އެންމެ މަތިވެރި އިލާޙު“
އޭނާގެ ހިތުތެރޭގައި އުފެދިފައިވާ ބޮޑާކަމުގެ ސަބަބުން ބަނީ އިސްރާޢީލް ބާގައިގެ މީހުން އޭނާއަށް އަޅުވެތިކޮށް އެމީހުންގެ ދިރިއުޅުން ސުންނާފަތިކޮށް ވިއްސިވިހާލިކޮށްލިއެވެ. އިންސާނާގެ ހަވާނަފްސު އޭނާއަށް ވިސްނައިދޭ ފަދައިން އޭނާއަކީ އެހާ ބާރުގަދަ، ގަދަފަދަ މީހެއްބާއެވެ؟ އަހަރުމެންނަށް އިންސާނާގެ ޠަބީޢަތުގެ ހަޤީޤަތް، ކީރިތި ޤުރުއާނުގައި އޮޅުންފިލުވައި ދެއްވައިފައިއެވެ.
”ބަލި ނިކަމެތި (ފެންފޮދަކުން) ތިޔަބައި މީހުން އުފެއްދެވީ، އަދި އެއައްފަހުގައި (ޅަފުރައިގެ) ބަލިކަމަށްފަހު، ބާރުދެއްވީ، އަދި އެއައްފަހުގައި، ބާރުވެރިކަމަށްފަހު ބަލި ނިކަމެތިކަމާއި މުސްކުޅިކަން ލެއްވީ މާތްﷲ އެވެ. އެކަލާނގެއީ އިރާދަ ކުރައްވާ ފަދައިން ޚަލްގުކުރައްވާ ކަލާނގެއެވެ. އަދި އެކަލާނގެއީ، ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ.“ (54:30)
ބަލިކަށިކަމަކީ ފެށުމެވެ. އަދި ނިމުމެވެ. އިންސާނާގެ ފިޠުރަތަކީ މިއީއެވެ. ޅަފަތުގެ ބަލިކަށިކަމާއި ނިކަމެތިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބިނާވެފައިވަނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މައްޗަށެވެ. މިފަދަ ނާޒުކު ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ހާލައިގެން އުޅެން ދޫކޮށްލެވިއްޖެ ނަމަ، އޭނާ ދިރިނުހުންނާނެކަން ކަށަވަރެވެ. އޭނާއަށް ބޭނުންވާނީ އޯގާތެރި ފިރުމުންތަކާއި މީހުންގެ އަޅާލުމެވެ. އޭނާގެ ތުއްތު އުމުރުގައެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރަންޖެހޭ ދުވަސްވަރުގައެވެ. އަދި ކިއެއްތޯއެވެ. އޭނާގެ ޒުވާން އުމުރުގައިވެސްމެއެވެ. މިދެންނެވި ކުޑަކުއްޖާ ޒުވާންކަމާއި މިނިވަންކަމުގެ އަހަރުތައް ފެށުމަށްފަހު، އޭނާގެ ހަޔާތަށް ބާރުފޯރުވާ މީހެއް ކަމުގައި އޭނާ ވެއެވެ. އޭނާ ބޮޑާކަމާއި އެކު އޭނާގެ ވަރުގަދަ ހަށިގަނޑާއި ރިވެތި ސޫރައާއި އޭނާއަށް ލިބިފައިވާ އެތައް ހުނަރުތަކެއްގެ މައްޗަށް ނަޒަރުހިންގާލައެވެ. އަދި އޭނާއަށް ވުރެ ނިކަމެތި މީހުންނަށް ނަފްރަތު ކުރަން ފަށައެވެ. އެބައެއްގެ އަމިއްލަ ސިއްޙަތަށް ފަރުވާލެއްނެތި ބަލައި ބޮޑުކުރި މައިންބަފައިންނާއި މެދުވެސް އެމީހުންގެ ހިތްތަކުގައި ވަނީ ރުޅިވެރިކަން އުފެދިފައެވެ. ބޭއިންސާފާއި ކެހިވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. އޭނާއަށް ލިބިފައިވާ އާރާއި ބާރު މީހުންގެ މައްޗަށް އަތްގަދަކުރުމުގައި ބޭކާރުކޮށްލައެވެ. އޭނާއަށް ވިސްނޭ ގޮތުގައި އޭނާއަކީ އަމުރުވެރިޔެކެވެ. އޭނާގެ ހިތަށްއެރި ގޮތަކަށް އަމުރުކުރުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަމަށް އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް، ޒުވާންކަމާއި، ރީތިކަމާއި، އާރާއިބާރަކީ އަބަދަށްޓަކައި ދެމިހުންނާނެ އެއްޗެއްތޯއެވެ؟ މަދު ދިހައިތަކެއް ފާއިތުވުމަށްފަހު އޭނާގެ ގައިބާރު ދެރަވެއެވެ. އޭނާގެ ސިއްޙީ ދުޅަހެޔޮކަން ގެއްލިދެއެވެ. އޭނާގެ ބޮލުގައި ނުރަޖަހައި ފުރާލައެވެ. އޭނަގެ ޒުވާންކަމުގެ މައްޗަށް މުސްކުޅި އުމުރު ވެރިވެގިނެއެވެ. ޒުވާންކަމުން މުސްކުޅިކަމަށް ބަދަލުވުމަށް ކިތަންމެ ގިނަ ވަގުތުތަކެއް ވޭތުވިކަމުގައި ވިނަމަވެސް މިކަމަކީ ކޮންމެ މިހަކުވެސް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެކެވެ. އެއްވެސް ރަޙުމެއްނެތި ވަގުތު ހިނގަމުން ދެއެވެ. އެންމެހައި ޅަކުދިން އެމީހުންގެ މުސްކުޅި އުމުރާއި ހަމައަށް ވާޞިލްކޮށްދިނުމަށެވެ. އިސްވެ ދެންނެވުނު ޚުދުމުހުތާރު ވެރިޔާ، އޭނާ އުފަންވީއިރު އޮތް ފަދަ ނިކަމެތި، ބަލިކަށި ހާލަތަކަށް ރުޖޫޢަވާނެ ދުވަހެއް އަންނާނެއެވެ. ނަމަވެސް މިފަހަރު އޭނާއަށް އަޅާލުމަށް އޭނާގެ މައިންބަފައިންނެއް ނުތިބޭނެއެވެ. އޭނާގެ އަމިއްލަ އާއިލާއިން އޭނާ ބޭނުންނެތިގެން ބޭކާރުކޮށްލާނެއެވެ. ގިނަ ފަހަރު ކަންދިމާވަނީ މިގޮތަށެވެ. އޭނާގެ މުސްތަޤުބަލަކަށް ވަނީ މުސްކުޅިންނަށް އަޅާލާ ތަނެއްގައި އެކަނިވެރިކަމުގެ ދުވަސްތައް ވޭތުކުރުމެވެ. ”ބަލިކަށިކަމަކީ ފެށުމެވެ. އަދި ބަލިކަށިކަމަކީ ނިމުމެވެ.“ މިއިން ދޭހަވާ އެއްޗެއް ކިތަންމެހާވެސް ސާފެވެ. ހަޤީޤީ އަމުރުވެރިޔަކީ ﷲ ތަޢާލާއެވެ. ގަދަފަދަވަންތަކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ހަމައެކަނި އެފަރާތަށެވެ. ވަރުބަލިކަން އިޙުސާސްކުރަން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ. އެހެން ފަރާތަކަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ.
————- އެންމެ ބޮޑީ ﷲ އެވެ.
މިމެސެޖް ސިކުނޑީގައި ހަރުލުމަށްފަހު އިންސާނާ ނެތުމުގެތެރެއިން ވުޖޫދަށް ގެންނެވި ގަދަފަދަވަންތަ ކަލާނގެއަށް އޭނާ ކިޔަމަންތެރިކަމާއި އެކު ބޯލަނބަން ޖެހޭނެކަން އޭނާއަށް ވިސްނެއެވެ. ކިޔަމަންތެރި އަޅެއްފަދައިން އެކަލާނގެ ހަޟްރަތުގައި ޤިޔާމްގައި ހުރުން ފިޔަވައި އެފާރަތަށް ބޯލެނބުމަށް އޮތް މޮޅުއިތުރުގޮތަކީ ކޮބައިތޯއެވެ؟ އަދި އެފަރާތަށް ރުކޫޢުކޮށް، ސަޖިދަކުުމާއި އެފަރާތުގެ މަދަދަށް އެދި ދެއަތް އުފުލާ ދުޢާކުރުން ވެސް މިކަމުގައި ހިމެނެއެވެ. ނަމާދަކީ އިންސާނިއްޔަތަށް ކުރިމަތިކުރައްވާފައިވާ ބުރަކަމެއްނޫނެވެ. އަދިކިއެއްތޯއެވެ؟ އެއީ ކޮންމެ ފުރާނައެއް އެކަމަށް އެދި ފެންބޮވައިގަނެފައިވާ އަމަލެކެވެ. ހެއްދެވިފަރާތް ދެނެގަތުމަށްޓަކައި ކޮންމެ ހިތެއްގެ ރުއިމެވެ. ނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާފައިވާ އަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކުޑަކުޑަ ޢަމަލެކެވެ. އަހަރެމެންގެ ޢާއްމު ދިރިއުޅުމުގައި މީހުން އަހަރެމެންނަށް ކޮށްދޭ ހެޔޮކަންތައްތަކުގެ ބަދުލުގައި ހިނިތުންވުމަކާއި އެކު އެމީހަކަށް ޝުކުރުއަދާކުރަމެވެ. އެހެންކަމުން ﷲ ތަޢާލާއަށް ޝުކުރުއަދާކުރުން ކީއްތޯއެވެ؟ އެކަލާނގެއީ ކޮޅެއްނެތް ރަޙްމަތުން އަހަރެމެންގެ އެންމެހައި ބޭނުންތައް ފުއްދަވައިދެއްވާ އިލާހެވެ. ތިޔަބޭފުޅުންގެ ވަށައިގެންވާ ދުނިޔޭގެ ޗާލުކަމާއި ފުރިހަމަކަމަށް ނަޒަރު ހިންގަވާލައްވާށެވެ. އަދި ކަކޫމައްޗަށް ތިރިވެ އެތަކެތި އުފެއްދެވި އިލާހަށް ޝުކުރުވެރިވާށެވެ.
ނަމާދު: މުއުމިނުންގެ ދަރަޖަ އުފުއްލެވެމުގެ މެދުވެރިޔާ
ﷲގެ ރަސޫލާ صلﷲعليه وسلم ، ރަސޫލުކަމައިގެން ފޮނުއްވުމަށްފަހު އެންމެ ފުރަތަމަ އެކަލޭގެފާނަށް ﷲ ތަޢާލާ އަމުރުކުރެއްވީ ނަމާދު ޤާއިމްކުރެއްވުމަށެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލް އަލައިހިއްސަލާމް، އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވުމުން، އެބޭކަލުންގެ ކުރިމަތިފުޅުގައި ހުރި ހިލަތަކަކުން ފެން އާރެއް ނިކުތެވެ. ދެން ޖިބްރީލް އަލައިހިއްސަލާމް، ވުޟޫކުރައްވާނެގޮތާއި، އަދި ﷲގެ ހަޟްރަތަށް ނަމާދު އަދާކުރައްވާނެގޮތް، ނަބިއްޔާ صلﷲعليه وسلم އަށް ހަރަކާތުން އުގަންނަވައި ދެއްވިއެވެ. ﷲގެ ރަސޫލާ صلﷲعليه وسلم ، ދުވާލަކު ދެފަހަރު، ދެ ރަކުޢަތުގެ ނަމާދެއް އަދާކުރައްވަން ފެއްޓެވިއެވެ. ހެނދުނުގެ ވަގުތުގައި ނަމާދެއް އަދި ހަވީރުގެ ވަގުތުގައި ނަމާދެކެވެ. ދެން އެކަލޭގެފާނު ގެކޮޅަށް ވަޑައިގެން އަނބިކަނބަލުން ޚަދީޖަތުގެފާނަށް، ޖިބްރީލް އަލައިހިއްސަލާމްގެ އުނގެނިވަޑައިގެން ކަންތައްތައް ދަސްކޮށް ދެއްވިއެވެ. އެވަގުތުން ފެއްޓިގެން ނަބިއްޔާ صلﷲعليه وسلم ދުވަހަކުވެސް ނަމާދު ދޫކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނު މަދީއަށް ހިޖުރަކުރެއްވުމުގެ ކުރިން، ރޭގަނޑުގެ ވަގުތެއްގައި، އަރީހާއަށް ގެންދެވުނެވެ. އަދި މިޢުރާޖަށް އުފުއްލެވުނެވެ. މިދަތުރުފުޅުގައި އެންމެ ގަފަދަވަންތަ ﷲ، ދުވާލަކު ފަސް ފަހަރު ނަމާދު ޤާއިމްކުރުމަށް އަމުރުކުރެއްވިއެވެ. މިނަމާދަކީ ދުވާލަކު ފަސް ފަހަރު ރޫޙާނީ މަތިވެރިކަމެއް ތަޖުރިބާކުރުމަށްޓަކައި މުސްލިމުންނަށް ﷲ ތަޢާލާ ދެއްވާފައިވާ އަގުހުރި ހަދިޔާއެކެވެ. ނަބިއްޔާ صلﷲعليه وسلم އޮޅުންފިލުއްވައިދެއްވި ގޮތުގައި ”ނަމާދަކީ މުސްލިމުންގެ މިޢުރާޖެވެ.“ އެހެނީ ނަމާދަކީ ކޮންމެ މުސްލިމަކަށް، އޭނާގެ އިލާޙާއި މުޢާމަލާތުކުރުމަށް ލިބޭ ފުރުޞަތެކެވެ.
jazakallah.yhi is realy a great work ,i hope to c this articles,as one book.
By: maison on December 15, 2007
at 5:33 am
ތީވަރަށް ރަނގަޅުކަމެއް! ތެދުމައުލޫމާތު ފެތުރުމުގައި ސާބިތުކަމާއިއެކެ ތިކުރާހިއްވަރަށް ހަމަސާބަސް
By: opensocietymaldives on December 27, 2007
at 12:17 am