ލޮބުވެތި އަޚާއެވެ! ޤަބޫލުކުރަން ކިތަންމެ އުނދަގޫވިއަސް އުފަންވުމަށްފަހު އެހެން ހުރިހާކަމަކަށްވުރެ ތިބާއަށް ޔަޤީންކަން އެންމެ ބޮޑުކަމަކީ މަރުވުމެވެ. އަހަރަމެންގެ ޢުމުރުންފުރޭ ކޮންމެ އަހަރަކީ މަރު އަހަރަމެންނާއި ކާރިވަމުން އަންނަކަމުގެ ޢަލާމާތެކެވެ. އިހުނައްވުރެ ގާތްވި ގާތްވުމެކެވެ. ފާއިތުވީ އަހަރު އަލުން ނުލިބޭނޭކަމާއި، އަހަރަމެންގެ މައްޗަށް ކަނޑައެޅި ބަޔާންވެފައިވާ އަޖަލު ކުރުވެއްޖެކަން ދެނަހުރީ އަހަރަމެންގެ ތެރެއިން ކިތައް މީހުންބާވައެވެ. ފަހެ، އަހަރަމެން ބަލަބަލާތިއްބާ އަހަރަމެންނާ ނުހަނުގާތުގައި، ހިނދުކޮޅެއްކުރީން އުޅުނު، އަހަރަމެންގެ ގާތް ރަޙްމަތްތެރިއަކު، ގާތްތިމާގެމީހަކު، އެއްބަނޑުއެއްބަފާ މީހަކު ނުވަތަ އަހަރުމެން މިދުނިޔެއަށް އުފަންވުމަށް މެދުވެރިވި އަހަރުމެން އެބަޔެއްދެކެ ނުހަނުލޯބިވާ މަންމަޔަކު ނުވަތަ ބައްޕަޔަކު މިދުނިޔެއާއި އަލްވަދާޢު ކިޔުމަށްފަހު އަހަރުމެންނާއި ވަކިވެގެން އާޚިރަތުގެ ގޮވައްޗާއި ދިމާއަށް ދަތުރު އެފެށީއެވެ. ކައްވަޅުގެ އަދިރި ކަމުގެ ތެރެއަށެވެ. އަހަރުމެންގެ އަތުން އެވަޅަށް ކަޅުހިރަފުސް ވެލިއެޅުމަށްފަހު އަތްފޮޅާލާފައި ސަހަަރާއިން ނިކުމެ، އަަހަރުމެން މިތިބަގެން ދަނީއެވެ. ޤިޔާމަތާއި ޖެހެންދެން އޮންނާން ކައްވަޅު އެއީހާދަހާ ކުޑަކުޑަ ޖަގަހައެކެވެ. ހާދަހާ ގިނަދުވަހަކު އެތާނގައި އޮންނާން ޖެހެއެވެ. އެއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ. ޢަބްދުﷲބުނު ޢުބައިދުބުނު ޢުމައިރުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “އާދަމުގެ ދަރިޔާއާއި މުޚާޠަބުކޮށް ކައްވަޅު ގޮވާލާނެއެވެ. ‘އޭ އާދަމުގެ ދަރިޔާއެވެ. އަހަރެންގެމަތީން ކަލޭ ހަނދާންނެތުނީ ކިހިނެއް ހެއްޔެވެ. އަހަރެންނަކީ ކަލޭ ފަނާވެ ދިޔުމުގެ ގޮވަތިކަން ކަލެއަކަށް ނޭގޭހެއްޔެވެ. އަހަރެންނަކީ ފަނިފަކުސައިގެ ގޮވައްޗެއްކަން، އެކަނިވެރިކަމުގެ ގޮވައްޗެއްކަން، އެކަހެރިކަމުގެ ގޮވައްޗެއްކަން ކަލޭ ނުދެނަހުރީމުހެއްޔެވެ.”ލޮބުވެތި އަޚާއެވެ! ދެނެވަޑައިގަންނަވާށެވެ. މަރަކީ ވަރަށް ވޭންހުރި އަނިޔާލިބިގެންވާ އެއްޗެކެވެ. މަރުބައްޔަކީ ދުނިޔޭގައި އެބައްޔަކަށް ޝިފާއެއްނުވާ ހަމައެކަނި ބައްޔެވެ. ކޮންމެ މީހަކުމެ މަރުބަލީގެ ވޭންތަޙައްމަލް ކުރަން ޖެހެއެވެ. އަލްބައްރާއު ބުނުޢާޒިބުގެ ކިބައިން އިބުނުމާޖާ ރިވާކުރެއްވިއެވެ. “ތިމަން ބޭކަލުން ކީރިތި ރަސޫލާ e އާއެކުގައި ޖަނާޒާއަކަށް ވަޑައިގަތީމެވެ. އިތުރު އެކަލޭގެފާނު މަހާނާގެ ކާރީގައި އިށީނދެ ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. އެކަރުނައިގެ ގިނަކަމުން ބިމުގައިވާ ހިރަފުސްތެމުނެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. ” އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! ތިޔަބައިމީހުން މިކަމަށް ޓަކައި ތައްޔާރުވުން ހުއްޓެވެ.” އަދިވެސް އިބުނު މާޖާ ރިވާކުރައްވައެވެ. އިތުުރު އެކަލޭގެފާނު e ހަދީޘްފުޅު ކުރެއްވިއެވެ. ” ކައްވަޅުގެ މަންޒަރަށްވުރެ ވަކީން ބިރުވެރި މަންޒަރެއް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.”އަހަރުމެން ހިތާމަކުރީ ހަމައެކަނި އަހަރުމެންގެ ގާތްމީހަކު އަހަރުމެންނާއި ވަކިވެގެން ދިޔުމުންނެވެ. ޤަބުރުސްތާނުގެ ހަތަރުފާރުން ބޭރުވުމާއިއެކު އަހަރުމެންގެ ހިތާމަތައް ހިތްތަކުން ފިލައި އެކަމުގެ އިޙްސާސް ކެނޑިދެއެވެ. އަހަރުމެންވެސް ހަމަ އެމަގުން ދަތުރު ކުރާން ޖެހޭކަން ހަނދާނަކު ނުހުރެއެވެ. ޝައްކެއް ވަސްވާހެއްނެތެވެ. ހަމަޔަޤީނުން އަހަރުމެންވެސް އެމަގުން ދާންޖެހޭނެއެވެ. އަހަރުމެން ބުނީ އޭނާ މަރުވީއެވެ. އަހަރެން މިހުރީ ދިރި ދުނިޔޭގައެވެ. ދާއިމީ ގޮތެއްގައޭ ހީވާކަލައެވެ؟ ލޮބުވެތި އަޚާއެވެ! ވިސްނާ ފިކުރު ކުރައްވާށެވެ. މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. މުއްސަނދީންނާއި ފަޤީރުން ފަރަޤެއް ނުކުރެވެ. ވަކިޖިންސަކަށް ވަކި ޢުމުރަކަށް ތަފާތު ކުރުމެއްނެތެވެ. ވަކިޤައުމަކަށް ވަކިކުލަޔަކަށް ނުބަލާ މަރުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. ޤަބޫލުކުރަން ބޭނުންނުވިއަސް ކުރިއަށް އޮތް ބައިގަޑިއުރު ނުވަތަ އެއަށްވުރެވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިބާ މިދުނިޔެއިން އަލްވަދާޢު ކިޔަން ޖެހުމަކީ ނާދިރު ކަމެއް ނޫނެވެ. ނޭގޭކަމަކީ މަރުއައިސް އަހަރުމެންނާއި ބައްދަލްކުރާނެ ވަގުތެވެ. ހަމަ ކުޑަހިނދު ކޮޅެއްގެތެރޭގައި އަހަރަމެންގެ ހުރިހާ ކަމެއްނިމި ތާއަބަދައްޓަކައި މިދުނިޔެއާ ވަކިވާން ޖެހިދާނެއެވެ. އެހެންކަމުން ދުނިޔޭގެ ދިރިހުރުމަކީ ހިނދުކޮޅެއްގެ ވަގުތީ ކަމެކެވެ. ދުނިޔެއަކީ އެއްވެސް ޔަޤީންކަމެއް އިތުބާރެއްނެތް ތަނެކެވެ. އަލްއިމާމު ޤުރުޠުބީ رحمه الله ވިދާޅުވެފައި ވެއެވެ. “އަޚާއެވެ! މަރާއި އޭގެބިރުވެރިކަމާއި ދޭތެރޭގައި ވިސްނާށެވެ. އޭގެ ވޭނާއި ކެކުޅުމާއި ދޭތެރޭގައި ފިކުރު ކުރާށެވެ. މަރުގެ ވަޢުދަކީ ކިހާތެދު ވަޢުދެއް ހެއްޔެވެ. މަރަކީ ކިހާޢަދުލުވެރި ފަނޑިޔާރެއް ހެއްޔެވެ. އެއީ އޭގެސަބަބުން ލޮލުން ކަރުނަ އޮހޮރުވައި، ލޯތައް ދުޅަކުރުވާ އެއްޗެކެވެ. އެއީ ޖަމާޢަތްތައް ބައިބައި ކުރުވާ، އުފާވެރިކަން ނަގާލައި، އުންމީދުތައް ވިއްސިވިހާލިކުރުވާ އެއްޗެކެވެ. އޭއާދަމުގެ ދަރިޔާއެވެ! ކަލޭ މަރާއި ކުރިމަތިލާން ޖެހޭދުވަހާއިމެދު ވިސްނީމު ހެއްޔެވެ. ކަލޭގެ ރަޙްމަތްތެރިން ކަލެއަށް ޚިޔާނާތްތެރިވުމަށްފަހު އަދި ކަލޭގެ އަޚުން އެމީހުންނާއި ކަލޭ އެކަހެރިކުރުމަށްފަހު މިބިމުން ނެރެލައި ކަލޭގެންގޮސް ހަނި ވަޅުގަނޑަކަށް ލުމާއިމެދުގައި ފިކުރު ކޮށްލީމުހެއްޔެވެ. ކަލޭގެ ތަންމަތީން ބޭރުކޮށްލުމަށްފަހު ފޭރާންތައް ބާލުވައި ކައްވަޅުގައި ބާއްވާ ގަައިމައްޗަށް ފަސްއަޅާ ފޮރުވާލާނެކަމާއިމެދު ވިސްނާލީމު ހެއްޔެވެ. އޭ ފައިސާ ހޯދާ މުދާގިނަކުރުމަށް މަސައްކަތްކުރާ މީހާއެވެ! މާތް الله سبحانه وتعالى ގަންދީ ބުނަމެވެ. ކަލޭގެ މުދަލުން ސަންދޯކެއް ފިޔަވައި އެއްވެސް އެއްޗެއް ލިބިގެންނެއްނުވެއެވެ. ކަލޭގެ ފައިސާތައް ގެއްލި ދާހުއްޓެވެ! ކަލޭގެ ހަށިގަޑު ވެއްޔަވެ ވީރާނާވެދާހުއްޓެވެ! ކަލޭ އެއްކުރި ފައިސާތައް ދިޔައީ ކޮންތާކަށްހެއްޔެވެ؟ މިބިރުވެރިކަމުން އެފައިސާއަށް ކަލޭސަލާމަތް ކޮއްދެވޭނޭ ހެއްޔެވެ؟ ނޫނެކެވެ. އެފައިސާ ކަލޭ ދޫކުރީ ކަލެއަށް ޝުކުރުވެރިވެސް ނުވާނޭ ބައެއްގެ އަތްމައްޗަށެވެ.” ޢާލަމްތަކުގެވެރި ގަދަކީރިތިވަންތަ އިލާހުގެ ޙަޟުރަތަށް ދަތުރުކޮށްފައި ދާހިނދު ފާފަތަކުން ބަރާވެގެންވާޙާލު އެއިލާހާއި ބައްދަލްވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ވޭތޯއެވެ؟ މިދުނިޔޭގައި ދެއްވި ބާރާއި، ޢުމުރާއި، މުދާނަހަމަ ގޮތުގައި ބޭނުންކުރުމަށްވުރެ ބޮޑު އަނިޔާއެއް ވޭތޯއެވެ. މާތް الله سبحانه وتعالىގެ ވަޙީ ބަސްފުޅުގައި ވެއެވެ. âوَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَÇÈ á (سورة القصص- 77) މާނައީ: ” އަދި މާތް ﷲ ތިބާއަށްދެއްވި ތަކެތީން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ.”الله سبحانه وتعالى މަރާއި ދިރިހުރުން އުފައްދަވާފައިވަނީ ވަރަށްޙިކުމަތްތެރި ބޭނުމަކަށްޓަކައިކަމުގައި އަންގަވާާފައި ވެއެވެ. âالَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً 4 ÇËÈ á (سورة الملك -2) މާނައީ:” އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ޢަމަލުކުރަނީ ކޮންބައެއްތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރާއި ދިރިހުރުން ލެއްވި ރަސްކަލާނގެއެވެ.” އެހެންކަމުން މަރުގެ އިމްތިޙާނުން ފާސްވުމަށްޓަކައި ހެޔޮޢަމަލު ކުޅައުންހުއްެޓެވެ. އެކަމަށް އަވަސްވެ ގަތުން ހުއްޓެވެ. ލޮބުވެތި އަޚާއެވެ! މިއަދު ތިބާ މިތަނަށް ތިޔައައީ ތިބާގެމިވެނި އެވެނި ގާތްމީހެއްގެ ޖަނާޒާގައި ބައިވެރިވުމަށެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށް އޭނާއަށް ފާފުއްސަވާތޯ الله سبحانه وتعالى އަށް ދުޢާދަންނަވާށެވެ. ނިކަމެތިކަމާއި އާދޭހާއިއެކުގައެވެ. އެހެންނަމަވެސް މިއީ ތިބާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއްވެސްނޫނެވެ. މިތާނގައިތިބި މީހުންގެ ގިނަކަން ތިބާ ނުދެކެމުހެއްޔެވެ. ތިބާ މިތަނަށް ނަޔަސް އެކަން ކުރާނޭ ބަޔަކު އެބަތިއްބެވެ. އެހައިރުން ތިބާގެމަތީން މިކަމުގެ ޒިންމާ ކެނޑިގެންދެއެވެ. މިތަނަށް ތިބާއައުމުގެ ކުރީން ތިބާގެ ބޮލުގައި ހާދަހާބޮޑު ޒިންމާއެއްއެޅި އަދާނުކުރެވި އެބައޮތެވެ. ފަހަރެއްގައި މިޖަނާޒާ ނިންމާފާ މިތަނުން ނުނިކުމެވިގެން އުޅެނިކޮށް، ދެންމެގައި ބިމުގެ އަޑީގައި ވަޅުލި އަޚާއާއިއެކުގައި ދަތުރު ކުރާންވެސް ޖެހިދާނެއެވެ.
ލޮބުވެތި އަޚާއެވެ! ހިތާމައިގެ ކޮޅެއްވެސް ނެތެވެ! ފަރުޟު ނަމާދުތަކަށް އިހާނާތްތެރިވެވި ފަރުވާ ކުޑަކުރެވިފައިވެއެވެ. ދީނުގެ ޙުކުމްތަކާއިމެދު އަޅާނުލެވި ދޫކޮށްލެވިފައިވެއެވެ. ދީނުގެ ކަންކަމަށް މަލާމާތްކޮށް ފުރައްސާރަ ކުރެވިފައިވެއެވެ. އަދި ހަމައެފަދައިން މިފަދަ ހިތާމައާއި ނިކަމެތި ކަމުގެ ވަގުތުގައި އަޅުގަނޑުމެންގެ އުޚުތުން، އަޢުރަ ނިވާނުކޮށް އޮރިޔާންކަން ފާޅުކުރަމުން ޣާފިލުކަމުގައި މީސްތަކުންގެ ތެރޭގައި މަސްހުނިވަމުން މިހިރަދަނީއެވެ. އޭލޮބުވެތި އުޚުތުވެ! ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ. ދީންދަސްކޮށް އެއަށް ޢަމަލުކުރަމާތޯއެވެ. ތައުބާގެ ވަގުތު އަދި ފާއިތެއްނުވެއެވެ. އެކަމަށް އަވަސްވެގަންނަމާތޯއެވެ.